ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި 4000 ފްލެޓް ދޫކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގުމާއި ގުޅިގެން އެކަމާ ގުޅޭ މަޝްވަރާތަށް ފަށާފައިވާ ކަަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ އިއުލާންކުރި 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން ގޯސްކޮށް ޕޮއިންޓު ދީފައިވާ ފޯމްތަކުގެ ޕޮއިންޓު މުރާޖައާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައި، ފުލެޓް ދޫކުރުމުގެ ހުއްދަ އިއްޔެ ވަނީ ދީފައެވެ. ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން މީގެ ކުރިން އޮތީ ފުލެޓުތައް ހަވާލުކުރުން މަޑު ޖައްސާލަން ހައުސިން މިނިސްޓްރީ އަށް އަންގާފައެވެ.

އޭސީސީން އިއްޔެ ބުނީ އެ ފުލެޓުތައް ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ އެންގުމާއެކު މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަމުގެ މަޝްވަރާ މިހާރު ފަށާފައިވާ ކަމަށެވެ.

"އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" ހައުސިން މިނިސްޓްރީން ރޭ ވަރަށް ދަންވި ފަހުން ނެރުނު ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެގޮތަށް މުރާޖައާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް އަންގާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އޭސީސީން މީގެ ކުރިން ބުނީ ފުލެޓު ލިސްޓާ ގުޅިގެން 325އަށް ވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި، ބައެއް މީހުންނަށް އިތުރަށް ޕޮއިންޓު ދީގެން ވެސް ފުލެޓު ލިބޭ މިންވަރަށް ޕޮއިންޓު ހަމަކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. ކުރީގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އޭރު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން