ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްވަރާކޮށްފި އެވެ.

އިއްޔެ މާގިރި ހޮޓަލުގައި ބޭއްވި ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއް ސަމަދުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލީޖިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޝެރީނާ އިއްޔެ ވިދާޅުވީ ކޮވިޑަށް ފަހު ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އަނެއްކާވެސް އިތުރުވެ ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށް ޗައިނާ ވެފައިވާ ކަމަށެވެ.

އަދި އެހެން ގައުމުތަކުގެ ފަތުރުވެރިންނެކޭ އެއްގޮތަށް ޗައިނާގެ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ރައްކެތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ފަތުވެރިން ގެނބިގެން މަރުވާ ހާދިސާތައް ރާއްޖޭގައި ގިނަ އެވެ. އެހެން ދިމާވަނީ އެ މީހުންނާ ރަނގަޅަށް މުއާމަލާތްވެސް ނުކުރެވޭތީ ކަމަށް ބައެއް ފަރާތަކުން ކުރިން ބުނެފައި ވެއެވެ.

ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ ޗައިނާގެ ފަތުރުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ކުރިއަށް ވުރެ ރަނގަޅު ޕްލެޓްފޯމެއްގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

އަދި މިހާރުވެސް އަޅައިފައިވާ ފިޔަވަޅުތަކުން ނަތީޖާ ފެންނަމުންދާ ކަން ޝެރީނާ ފާހަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން