ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ "ޕޮންޒީ" ސްކީމެއް ހިންގަން ލިބޭ ފުރުސަތެއް ކަމަށް ރައްޔިތުންނަށް ހީވާން ފަށާފައިވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ވިދާޅުވީ ވަކި ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަަށް އިންތިހާބުވުމަށްފަހު މެމްބަރުން ޕާޓީ ބަދަލުކުރަމުން ގެންދާތީ ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ "ޕޮންޒީ" ސްކީމެއް ހިންގަން ލިބޭ ފުރުސަތެއް ކަމަށް ރައްޔިތުންނަށް ހީވާން ފަށާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެއީ މަޖިލީހުގެ ވޯޓު ވިއްކައި ބޮޑު ލާރިގަނޑެއް ހޯދަން އޮތް ފުރުސަތެއް ކަމަށް ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށް އީވާ ވިދާޅުވިއެވެ.

ދާދިފަހުން އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީ އާއި ގުޅިވަޑައިގެންފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން އީވާ ވިދާޅުވީ މިއަދު އެމްޑީޕީ އޭ ކިޔައިގެން އެޕާޓީގެ މަޖިލިސް މެމްބަރުން ވާހަކަ ދެއްކުމަށްފަހު އަނެއް ދުވަހު އަނެއްގޮތަށް އެ މެމްބަރުންގެ ވާހަކަ ބަދަލުވެ އަމަލު ބަދަލުވަމުންދާނަމަ ރައްޔިތުންގެ އިތުބާރެއް ނޯއްނާނެ ކަމަށެވެ. އެގޮތުން އެމްޑީޕީ ފަދަ ބޮޑެތި ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

"މިހާރު ވަރަށް ބޮޑަށް ދާއިރާތަކުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ހީވާނެ ރައްޔިތުންގެ މަޖިލީހަށް ހޮވެން އުޅޭ މީހުން މި ހޮވެން މިއުޅެނީ އަވަހަށް މި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަކީ އެއްކަލަ "ގެޓް ރިޗް ކްއިކް" ސްކީމެއް ނުވަތަ ޕޮންޒީ ސްކީމެއް ކަހަލަ ކަމެކޭ. މަޖިލިސް ގޮނޑި އެއް ލިބުނީމަ ދެން ވޯޓް ވިއްކާލަ ވިއްކާލާ އިންނަންވީއޭ، އެމީހާ ވިކޭތަން ބަލަންވީއޭ، އެހެންވީމާ ރައްޔިތުންގެ ވޯޓު މިއަންނަ މީހުން ބޭނުންކުރާނީ އިތުރު ލާރިގަނޑެއް ނަގަންބާއޭ؟" އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި އީވާ ވިދާޅުވިއެވެ.

އީވާ މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު އެކަމަނާ ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ގިނަ އަދަދެއްގެ މެންބަރުން ވަނީ އެޕާޓީން ވަކިވެ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޑެވިލް

19-Feb-2024

އިންތިހާބު ޖެހޭއިރަށް ރައްޔިތުން ތިބޭނެ ކިއުގަ. ރައްޔިތުންވެސް ގެންގުޅެނީ ގަނެވިއްކާ އުސޫލު.



ޓްރެންޑިން