މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށާ ސަރުކާރުގެ އަމާޒަކީ މިހާރު އޮތް ބެކްލޮގް އެއްކޮށްފިލުވާލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ‏މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވާތީ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލި ނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނު ކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް ނުވަތަ އާއިލާ އަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެއީ ލިބޭ ވަރަށް ވެސް ބޮޑު ހިތްދަތި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށެވެ.

"އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯ އިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ހަލާސް ކުރެވިއްޖެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށް ވެފައި ކޮންމެ ދުވަހަކު އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށް ޝިޔާމް ފާހަގަކުރެެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް މިފްކޯ އިން ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޔަގީން ކުރަނީ ލަސްތަކެއް ނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށް ފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމަށެވެ. އަދި މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައް ވެސް ހައްލުވެ މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެރި ކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލު ކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ،" ޝިޔާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން