ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރާ މައްސަލަތަކުގައި ރައްޔިތުންގެ ވޯޓެއްވެސް ނަގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ގޮވާލައްވައިފި އެވެ.

ޑރ. މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށައަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. އަދި އެކަމަށް ބޭނުންވާ ވަރަށް ސޮއި މަޖިލީހުގެ ތެރެއިން ވަނީ ހޯދައިފަ އެވެ. ނަމަވެސް އަދި އެ މައްސަލަ މަޖިލީހަކަށް ނުވައްދަ އެވެ. އެމްޑީޕީން ބުނަނީ ރައީސް ވަކިކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މަތީން އެކްސްގައި ވިދާޅުޥީ ހުރިހާ ރައްޔިތުންގެމެދުގައި ނަގާ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ފުރިހަމަ ބާރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތުމުން ފެންނަމުން މިދަނީ އެބާރު ނަހަމަ ގޮތުގައި ބޭނުންކުރަން މަސައްކަތްކުރުމުގެ ތެރެއިން ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ގަޑުބަޑު ވެގެންދާ މަންޒަރު ކަމަށެވެ.

އެހެންވެ އެ މައްސަލަ ހައްލުކުރަން ގާނޫނު އިސްލާހު ކުރަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީ އަށް އިސްލާހުގެނެސް ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތަޔަކުން އެގޮތަށް ނިންމުމަށްފަހު އާންމު ރައްޔިތުންގެ ވަކި އިންސައްތައެއްގެ ވޯޓުވެސް އެގޮތަށް ލިބިގެންކަމަށް ހެދުން މުހިންމު." މަތީން ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އާންމު ކޮމިޓީން ގެނެސްފައިވާ ބަދަލާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުނާގޮތަށް ބަދަލު ގެނެސް ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުންވެސް އެމްޑީޕީން ވަނީ ފަސޭހަކޮށްފައެވެ. އެގޮތުން މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ.

މި އިސްލާހާއެކު މިހާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ބޭނުން ވަނީ 54 މެންބަރުންގެ ވޯޓެވެ. ނަމަވެސް މަޖިލީހުން އަދަދު ކަނޑައެޅި ގޮތް ބާތިލުކުރަން ސަރުކާރުން މިހާރު އެ މައްސަލަ ވަނީ ސުޕްރީމްކޯޓަށް ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

مريم

19-Feb-2024

ރައީސް އައްޔަން ކުރުމަށް ރައްޔިތުންގެތެރެއިންވޯޓް ހައްގު ވާހުރިހާ ފަރުދުންގެ މެދުގައި ނެގޭ ސިއްރު ވޯޓު އަކަށްވަނީ ކީއްވެ ތޯ އަދުލުވެރި ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އަޒުލް ކުރަންވީ



ޓްރެންޑިން