ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެގޮތަށް އެއްބަސްވެފައިވަނީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގައެވެ.

އެބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބި ކަމަށާއި އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭން ފުރާނެ ކަމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން ވެސް މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭން ބާލަން އިންޑިއާ އިން މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ހައި ލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން މާލޭގައި ބޭއްވުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެެ.

ދިވެހި ސަރުކާރުން މިހެން ބުނި ނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ސިފައިން ގެންދަން އެއްބަސްވިކަން ހާމަކޮށްފައެއް ނުވެއެެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިންސާނީ އެހީތެރިކަމާއި، ސިއްހީ ބޭނުންތަކަށް މީހުން އުފުލުމަށްޓަކައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ރާއްޖެއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން