ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ އުތުރުގެ ގޮނޑި އެމްޑީޕީ އަށް ހޯދައިދޭން މަސައްކަތްކޮށްދިނުމަށް އެ ދާއިރާގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެދިވަޑައިގެންފިއެވެ.

ރޮޒެއިނާ މިކަމަށް އެދިވަޑައިގަތީ މިއަދު ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއިން އޭނާއަށް ނާކާމިޔާބުވެވަޑައިގަތުމާއި ގުޅިގެންނެެވެ. ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށްވާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.

ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު މެމްބަރު ރޮޒެއިނާ އާދަމް ވަނީ ބަލި ގަބޫލުކުރައްވައި އަހުމަދު ޝަރީފު (ޑުންގާ) އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީ ފޭދޫ އުތުރު ހުރިހާ އެންމެން މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ރޮޒައިނާ އެދިވަޑައިގެންނެވިއެވެ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒެއިނާ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2014 ގަ އެވެ. އޭގެފަހުން 2019 ވަނަ އަހަރު ރޮޒެއިނާ އެ ގޮނޑި ދިފާއުކުރެއްވިއިރު ރޮޒެއިނާ އަކީ އައްޑޫގެ ފުރަތަމަ އަންހެން މެމްބަރުކަން ވެސް ފާހަގަަކުރެވެއެވެ.

ރޮޒައިނާ މީގެ ކުރިން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ރޮޒައިނާ އަކީ އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސާ ވެސް މެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން