މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އެދާއިރާ ތަމްސީލް ކުރައްވާ ޢަބްދުﷲ ޖާބިރު ކާމިޔާބުކުރައްވައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވައި އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރުވެސް ވަނީ އެމްޑީޕީގެ މަހިބަދޫ ދާއިރާގެ ޓިކެޓް ހޯއްދަވާފައެވެ.

ކާށިދޫގައި ކޭބަލް ކާރު އެޅުން ފަދަ ބޮޑެތި ވަޢުދުތައް ވެވަޑައިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ޖާބިރަކީ ރައްޔިތުން މަޖިލީހުގެ ތަޅުމުގައިވެސް ވަރަށް ތަފާތު ހަރަކާތްތަކެއް ދައްކަވާ، އެކި ދުވަހު އެކި ގޮތަށް ވިސްނުން ގެންގުޅުއްވާ މެންބަރެކެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީ ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 40 ދާއިރާއެއްގައި ބޭއްވި މި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން