ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ފޮޓޯ:ހެލްތް މިނިސްޓްރީ)
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ފޮޓޯ:ހެލްތް މިނިސްޓްރީ)
ކޯވިޑް-19 އަށް ރައްކާތެރިކަމެއްނެތި އުޅޭ މަދު ބައެއްގެ ސަބަބުން ބަލީގެ ނުރައްކާ އެންމެންނަށްވެސް އެބަ އޮތްކަމަށާއި، ކުރިއަށް އޮތްތަނުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހަދަން ޖެހިދާނެކަމުގައި ހެލްތު މިނިސްޓރަ އަބްދުﷲ އަމީން ވިދާޅުވެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަ ދައްކަަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިބައްޔަކީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔަކަށްނުވާއިރު ބަލީގެ ނުރައްކާތެރިކަން މުޅި ދުނިޔޭގައިވެސް ދަނީ ބޮޑުވަމުންކަމަށެވެ. މިކަމުން ރައްކާތެރިވެވޭނީ ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްގެންކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮންމެ ކަމަކީ މަޖުބޫރުކޮށްގެން، ގެއިން ނުނިކުމެވޭގޮތަށް ލޮކްޑައުންކޮށް ދަތި އުދަނގޫގޮތުގައި އުޅެންޖެހޭ ހާލަތަކަށް ނަހަދައި އަމިއްލަ ޒިންމާ އަދާކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ލޮކްޑައުން ކުރުމަށްވެސް އަދި އެހެން ހަރުކަށި ފިޔަވަޅެއް އެޅުމަކީވެސް ސަރުކާރަށް ފަސޭހަ ކަމާއެކު ކޮށްލެވިދާނެ ކަމެއްކަމަށާއި، ނަމަވެސް އެކަމުގެ ދަތިކަން ކުރިމަތިވާނީ އާންމު ރައްޔިތުންނަށްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މާސްކް އެޅުން މަޖުބޫރު ކުރަން ނުޖެހޭ ޙާލަތެއް މިވަގުތު އޮތް ކަމަށް އަމިއްލަފުޅަށްވެސް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައްވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތަށް އޮތް ކަމަކަށް ނުދެކެން އަޅުގަނޑު، އެހެންވީމާ އަޅުގަނޑުމެން މާސްކް އެޅުން މަޖުބޫރު ކުރަން އެބަ ވިސްނަން މިހާރުވެސް. މާސްކް އެޅުން މަޖުބޫރުވެސް ކުރެވިދާނެ އަޅުގަނޑުމެންނަށް، މާސްކް އެޅުން މަޖުބޫރު ކުރުމާއި، މާސްކް އަޅަން މިހާރު އެންގިފައި ހުރި އެންގުންތަކާއި ގައިޑްލައިންތަކާ އުސޫލެއްގެ ގޮތުން ތަފާތެއް ނެތް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާސްކުގެ ބޭނުންތެރިކަން ބޮޑު ނަމަވެސް މާލޭގައި މާސްކު ނާޅާ އުޅޭ މީހުން މަގުމަތިން ފެންނަލެއް ގިނަކަން ފާހަގަކުރައްވައި މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުން "އަސާސީ ކަމެއްގެ ގޮތުގައި" ކުރަމުންދިޔައީ ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް މައުލޫމާތު ދީ ހޭލުންތެރިކުރުވައި ވިސްނައިދީގެން ބަލިން ރައްކާތެރިކުރުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އުސޫލުތަކަށް ތަބާނުވާ ނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިހާރު ވެސް މާލޭގެ ބައެއް ތަންތަނުގައި އަދި ބައެއް ހާލަތްތަކުގައި މާސްކު އެޅުން އެޗްޕީއޭ އިން އޮތީ މަޖުބޫރުކޮށްފަ އެވެ. އެކަމަކު ޖުމްލަކޮށް އެޗްޕީއޭގެ އިރުޝާދަކީ ބޭރު ތެރޭގައި އުޅޭ ހުރިހާ އިރަކު ވެސް މާސްކު އެޅުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން