އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެދި މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ހަސަން ލަތީފު ވަނީ މިކަން ހިނގާފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައިކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ އާއި އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް ދިނުމަށާއި އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ މިނިސްޓަރު ގައްސާނުގެ އަރިހުން ސާފުކުރެއްވުމަށް އެދިވަޑައިގެންފައެެވެ.

ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަސްބޯޓްތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށެވެ.



އެގޮތުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށް އެބަޔާނުގައިވެއެވެ.

ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާ އަސްކަރިއްޔާ އިން ބޯޑުކޮށްގެން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި ތިން ދޯންޏަކަށް އިންޑިޔާ ސިފައިން އަރާފައިވަނީ މިދިޔަ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން