ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުއްމީދީ ވަރަށް މުހިންމު ކަންތައްތަކެއް ހާމަކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވާގޮތަށް ހަމަޖެހިފައިވަނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައެެވެ. އެކަމާ ގުޅިގެން މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވީ ރައީސް މާދަމާ އިއްވަވާ ރިޔާސީ ބަޔާނުގައި ދިވެހި ރައްޔިތުންނާއި ގައުމަށް ވަރަށް އުއްމީދީ ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކުރައްވައި އެކަންކަން ހާމަކުރައްވާނެ ކަމަށެވެ. އަދި މިރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް ބަޔާނަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދިވެހި ޤައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ޤައުމީ ތަޞައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ." ޚަލީލް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ އަހަރެއްގައިވެސް މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތައް ހިއްސާކުރައްވާ ރިޔާސީ ބަޔާނެއް އިއްވަންޖެހޭނެއެވެެ. މީގެ ކުރިން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަަށް ހަމަޖައްސާފައިވީނަމަވެސް ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން