މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
ސަރުކާރާ ޙަވާލުވީއިރު މީން ޒަމާނަކު ނުދަރާވަރަށް ދައުލަތް އޮތީ ދަރާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ، ދިވެހި ޤައުމުގެ ތަރައްޤީއާ ކުރިމަގަށް ސަރުކާރުން ކުރާ ތަޞައްވުރާ އުންމީދު ޙަޤީޤަތަކަށް ހެދޭނީ މާލީގޮތުން ޤައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށެވެ. އެގޮތުން ސަރުކާރާ ޙަވާލުވީއިރު މީން ޒަމާނަކު ނުދަރާވަރަށް ދައުލަތް އޮތީ ދަރާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފަ. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް." ރައީސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، ތަކެތީގެ އަގު އުފުލި، ލާދަ މަތިވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

"މި ޙާލަތުން ޤައުމު ސަލާމަތްކުރުމަށް ރެޔާދުވާލު އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. ދައުލަތުގެ މާލިއްޔާއަށް ބުރަ އުފުލަން ނުޖެހޭ ގޮތަށް އާ މަޝްރޫޢުތައް ފެށޭތޯ މަސައްކަތްކުރަމުން. ދައުލަތުގެ ކުންފުނިތަކުން އަރަނިވާނެ ގޮތްތަކެއް ހޯދަމުން. ދައުލަތުގެ ދަރަނި ކުޑަކޮށް، ލުއިކުރެވޭތޯ ބަލަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އެއްވެސް ހަމަޔެއް ލަމަޔެއް ނެތި، ދައުލަތުގެ ޚަޒާނާއިން އެކި ފަރާތްތަކަށް ބަދަލުދޭން އުފައްދާފައިއޮތް ސެޓްލްމަންޓް ކޮމެޓީ މިހާރު އުވާލާފައިވާ ކަމަށެވެ. އޭގެ އިތުރުން ސޮވަރިންގ ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށާއި، ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ވެސް ހޯދަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް މިއަދު ވިދާޅުވީ، އިޤުތިޞާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތްނަމަވެސް، ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އާމްދަނީއާ ޚަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން