އަހުޒަމް އަޙްމަދު   5 ފެބްރުއަރީ 2024 - 16:38
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާ އެމްޑީޕީން ބޮއިކަޓް ކުރި ނަމަވެސް އެ ޕާޓީގެ ދެ މެމްބަރަކު މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

ތަފާތު އެކި ސަބަބުތައް ހުރި ކަމަށް ބުނެ ޖަލްސާ ބޮއިކަޓްކުރަން ނިންމިކަން އެމްޑީޕީން އިއްޔެ އޮތީ ހާމަކޮށްފަ އެވެ.

ނަމަވެސް "ރަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދުގެ ޖަލްސާގައި ވަނީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގެގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް، މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސް ހަމަޖެއްސެވުމާއި، މި ސަރުކާރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހު، މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް، މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުން ހިމެނޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން