ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ނެމީބިއާގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ ނެމީބިއާގެ ރައީސްކަމުގެ މަސްއޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެގެން ހުންނެވި ނަންގޯލޯ މްބޫއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނެމީބިއާގެ ރައީސް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނެމީބިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ނެމީބިއާގެ ރައީސް ހާގޭ ގެންގޮބްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި، ނެމީބިއާގެ ރައީސްއަކީ އެ ޤައުމުގައި ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށާއި، އެޤައުމުގެ ހިންގުން ހަރުދަނާކުރެއްވުމަށާއި، އެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ނުހަނު މަސައްކަތް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ނެމީބިއާގެ ރައީސްގެ އެ ޚިދުމަތްތަކަކީ އެޤައުމުގެ އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ދެމިގެންދާނެ ޚިދުމަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ނެމީބިއާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން