ރާާއްޖޭގެ ބޯޑަރާއި އެހެން ހުރިހާ ސެކިއުރިޓީއެއް ވެސް ބެލެހެއްޓޭނީ އަވަށްޓެރި ގައުމުތަކާ ސުލްހަވެގެން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަރަހައްދު ބަލަހައްޓަން ވެގެން އަސްކަރިއްޔާ ވަރުގަދަ ކުރާ ވާހަކަ އެބަ ދެކެވޭ ކަމަށެވެ. އީވާ ވިދާޅުވީ މިއީ ހަމައެކަނި ބޮޑު ހަތިޔާރު ނަގައިގެން ސެކިއުރިޓީ ބަލަހައްޓާ ޒަމާނެއް ނޫން ކަމަށެވެ. ބޯޑަރު ބަލަހައްޓަން ގައުމުތަކާއި ސުލްހަވެރިވާންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އަކީ ސުލްހަވެރިކަމާ އެކު މުދަލާއި މީހުންނާއި ތަކެއްޗާއި ދަތުރު ކުރަން ޖާގަ ދީގެން އަޅުގަނޑުމެންގެ ބޯޑަރު ބަލަހައްޓައިގެން އަޅުގަނޑުމެން ތިބި ބައެއް. އެ ސުލްހަވެރި ކަމަށް އަލުން އަނބުރާ ރޫޖުއަ ވެގެން ނޫނިއްޔާ ބޯޑަރު ސެކިއުރިޓީ ކަށަވަރެއް ނުކުރެވޭނެ،" އީވާ ވިދާޅުވި އެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމެއްގެ ދަށުވާން ޖެހޭ ގައުމެއް ނޫން ކަމަށާއި އެކަން ކަށަވަރު ކުރަން ޖެހޭނީ ސުލްހަވެރިވެގެން ކަމަށެވެ. އީވާ ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ނުތަނަވަސްކަން އުފައްދައިގެން ކުރިއަށް ގެންދާ ނަމަ އޭގެ ނުރައްކާ އޮތީ ހަމަ ދިވެހިންނަށް ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރާއި އެހެން ހުރިހާ ސެކިއުރިޓީއެއް ވެސް ބެލެހެއްޓޭނީ އަވަށްޓެރި ގައުމުތަކާ ސުލްހަވެގެން ކަމަށް އީވާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން