ރާއްޖެއާއި އިންޑިއާއާ ދެމެދު ހުޅު ރޯކުރީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑު ސަރަހައްދުން އިންޑިއާގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަކަށް އަރައި ބިރު ދެއްކި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މިހާރު ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ނުވަތަނަސްކަމުގެ ހުޅުގަނޑު ރޯކުރީ ރައީސް ޔާމީންކަމަށެވެ.

"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަ ނުޖެހުމުގެ ހުޅުގަނޑު ރޯކުރީ ޕީޕީއެމްގެ ލީޑަރަކަށް ހުރި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިއީ އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތެއް." ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމެއްގެ ސިފައިން ވަދެ، ރާއްޖޭގެ އޮޑި ފަހަރަށް އަރައި އުޅުމަކީ ނިކަމެތި ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅުވައި، އިންޑިއާ ސިފައިން ދެން މާލެއަށް ވެސް އަރައިފާނެ ކަމަށް ވިދާޅުވެ އެކަމަށް ހިތްވަރު ދެއްވާ ގޮތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައިވާތީ ގާސިމް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ރާއްޖެއަށް ބޭރު ސިފައިން އަރަން ހިތްވަރު ލިބޭގޮތަަށް ވާހަކަފުޅު ދެއްކެވުމަކީ ވަރަށް ނިކަމެތި ކަމެއް ކަމަށެވެ.

"އެމަނިކުފާނު (ރައީސް ނަޝީދުގެ) ވެރިކަމުގައި މިތަނަށް ހެލިކޮޕްޓަރު ގެނެސްފައި އޮތީ ވެސް ބޭރުގެ ސިފައިން އޭގައި ހިމެނޭ ގޮތަށް ގާނޫނުއަސާސީއާ ގާނޫނާ ހިލާފަށް، ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނޫނީ މަޖިލީހުން ފާސްކޮށްގެންނޭ އެކަން ކުރެވޭނީ،" ޤާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތުތަކުގައި ގެންގުޅުއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެެ. އަދި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި އިބްރާހީމް ނާސިރަށް ތައުރީފް ކުރައްވައި އެ ދެބޭފުޅުން ހާރިޖީ ސިޔާސަތު ހިންގެވީ މާ ރަނގަޅަށް ކަމަށާ ވެސް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން