ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މި އިސްލާހު ހުށައަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ 39 މެމްބަރުން ވޯޓާއެކު އެެވެ. އެ އި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 11 މެމްބަރުން ވަަނީ ވޯޓު ދެއްވާފަ އެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށްފަހު ވަނީ އިސްލާހު ދިރާސާކުރަން ފަސް މެމްބަރުންގެ ކޮމިޓީ އަކަށް ފޮނުވުމަށް މިއަދު ފާސްކޮށްފަ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހުގައި ބުނަނީ މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން