ރާއްޖޭގެ ރަށްރަށުގައި "ގާވެފައި" ހުރި މަޝްރޫއުތައް ބަލައި އެ މަޝްރޫއުތައް އަލުން ހިންގަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ކަޑަޖަހާ އުސޫލުން، ވޯޓު ހޯދަން ދަޅަދައްކާ އުސޫލުން، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް ރަށްރަށުގައި ފަށާފައި އެބަހުރި ކަމަށެވެ. އެގޮތުން އެފަދަ ގިނަ މަޝްރޫއު ތަކެއްގެ މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މަގުހަދަން، ނޫނީ ނަރުދަމާގެ ޚިދުމަތްދޭން ކޮނުނު ތަންތަން އެގޮތަށް ހުންނަތާ އެތައް އަހަރެއްވެ، މަސައްކަތްތަކަށް ގެނައި އާލާތްތަކާއި ތަކެތި ހަލާކުވެ، މުޅި ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުމާއި ތުރާ ލިބެމުންދާ މަޝްރޫޢުތައް މަދެއްނޫން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ގޮތަށް ގާވެފައި ހުރި މަޝްރޫޢުތައް ބަލަމުންދާ ކަމަށެެވެ. އެމަޝްރޫއުތައް ބެެއްލެވުމަށްފަހު ރައްޔިތުން އެދޭގޮތަށް އެމަޝްރޫޢުތައް އަލުން ހިންގައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"މިފަދަ އެތައް މަސައްކަތެއް ރަށްރަށުގައި ކުރަން އެބަހުރި. ފެނުގެ ޚިދުމަތް ރަނގަޅަށް ދެވޭ އޮތީ އެންމެ 66 ރަށް. ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ޤާއިމުވެފައި އޮތީ 101 ރަށުގައި. ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިންމައިދޭނަން. އަދި ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ބަނދަރު ހަދައި ނިންމައިދޭނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށާއި އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހައްދަވާނެ ކަމަށެވެ. ރައީސް ވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެކަން އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން