ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ނުކުރާތީ ސިޓީ އަދި ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވީ އެރަށުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި މިދިޔަ އޮގަސްޓުމަހު އެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރި ނަމަވެސް އެ ކައުންސިލް ހަގީގަތުގައި ވެސް ސިޓީއަކަށް ބަދަލުވިކަމާމެދު ސުވާލު އުފައްދައި ތިނަދޫ ކައުންސިލުން އޮތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ކައުންސިލުން ބުނާ ގޮތުން ސިޓީއަކަށް ބަދަލުވި ނަމަވެސް ބައެއް އިދާރާތަކުން އެ ސިޓީ ކައުންސިލާމެދު އަމަލު ކުރަމުން ދަނީ 200 މީހުން ހަމަނުވާ ރަށެއްގެ ކައުންސިލާ މެދު އަމަލު ކުރާ ގޮތަށެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބަލައި ތިނަދޫ އަކީ ސިޓީއެއް ކަމަށް ނިންމީ މިދިޔަ ޑިސެމްބަރުމަހު އެވެ. ނަމަވެސް އަދިވެސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާއެއް ނުކުރެއެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ގާނޫނު ނަންބަރު 07/2010ގެ 51 ވަނަ މާއްދާގައިވާ ގޮތަށް ތިނަދޫ ސިޓީއަށް ދިމާވެފައިވާ މައްސަލަ މަޖިލިސްއިން ހޯދައިދޭން ޖެހޭ ގާނޫނީ ފަރުވާ ވީހާ އަވަހަކަށް ހޯދައިދިނުމަށް މަޖިލިސްއިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އުއްމީދުކުރަން. އެ މައްސަަލަ އެޖެންޑާ ނުކުރާތީ ކަންބޮޑުވޭ." އާދަމް ޝަރީފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން