ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މިސަރުކާރުން ގެންގުޅޭ ސިޔާސަތަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލުން ތަޢުރީފު ކޮށްފިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް މަޑިފުށީ ކައުންސިލުން ތަޢުރީފު ކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު މަޑިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ނިމިދިޔަ ސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނިންމާފައި ނުވުމާއި، މަޝްރޫޢުތަކުގެ ފެންވަރުދަށްކަމާއި، އެއްވެސް ރޭވުންތެރިކަމެއްނެތި ކަންކަން ފަށާފައިވުން ކަމަށެވެ. އެހެންކަމުން އެ މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަވައި އެކަންކަން ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއާ އަތޮޅުގެ އެއާޕޯޓުތައް ގުޅިފައިވާކަމަށާއި، ހުއްޓިފައި ހުރި ފެނަކައިގެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށާއި، ރަށުގެ ނަރުދަމާގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

"ހަމަ އެއާއެކު ކައުންސިލުގެ އިހުތިސާސަށް ގެންނަން ބޭނުންވާ ބައެއް ރަށްތައް ހުރިކަމަށާއި، އެކަމުން ރަށަށް ކުރާނެ ފައިދާތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރިވެޓްމަންޓް މަޝްރޫޢު އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، އަދިވެސް ރަށުގެ ތަރައްޤީއަށްޓަކައި މުސްތަގުބަލުގައި ރަށަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އެގޮތުން ރަށުގައި ކޯޒްވޭ ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވިދާޅުވިއެވެ." ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ތ. މަޑިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން