ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކޮޅުމަޑުލު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިޔަމިގިލީގެ ތަރައްޤީއަށް ރާވާފައިހުރި ހުރިހާ މަޝްރޫޢެއް މިސަރުކާރުން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ތަރުތީބެއްގެ ތެރެއިން އިގްތިސާދު ތަންދޭ ވަރަކުން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުއްޓިފައިހުރި މަޝްރޫޢުތަކާއި އަދި ކުރިއަށްހުރި ހުރިހާ މަޝްރޫޢެއްވެސް މި ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެންނަމަވެސް މިހާރު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވައިލަންޖެހޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"މިހާރުގެ ހާލަތު، ގައުމުގެ އިގްތިސާދު މިއޮތް ހާލަތު މިކަމުގައި މި ހުރަހަކަށް ވަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެގޮތަށް މަސައްކަތްތައް ތަރުތީބުކުރެވުމުން ދިޔަމިގިލީގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން މިއަހަރުގެ ތެރޭގައިވެސް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. ހަމައެހެންމެ ކޯޒްވޭގެ މަސައްކަތްވެސް ހަޤީޤަތަކަށް ހެދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކޯޒްވޭ ޕްރޮޖެކްޓުވެސް އަދި ދެން ހުރި މަޝްރޫއުތައް ވެސް އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަން ދީގެން ރައއްޔިތުންނަށްޓަކާ ކޮށްދިނުމުގެ ނިޔަތުގައި ކޮށްދޭނަން،" ރައީސްގެ ރިޔާސީ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، އެގޮތަށް ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން