އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

ޗާލްސް އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން ވަނީ އިއުލާންކޮށްފައެވެ. ރިޔާސީ ގަނޑުވަރުން ބުނީ ރަސްގެފާނަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގިވަޑައިގަތީ ޕްރޮސްޓޭޓް އެންލާޖްމަންޓުގެ ފަރުވާއަކަށް ޑޮކްޓަރަށް ދެއްކެވުމުން ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ރަސްގެފާނުގެ އާލާސްކަންފުޅުގެ ހަބަރު އެއްސެވީ ފުންހިތާމައާ އެކުގައި ކަމަށެވެ.



މި ބައްޔާއިއެކު ރަސްގެފާނު ކެތްތެރިކަމާ ހިތްވަރާއެކު ކުރިމަތިލައްވާނެކަން ޔަގީން ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑާއި ރާއްޖޭގެ ރައްޔިތުން ވެސް ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދެމެވެ." ރައީސްގެ މެސެޖްގައި ލިޔުއްވާފައިވެއެވެ.

ރަސްގެފާނު ޗާލްސް ރަސްކަމަށް ވަޑައިގަތީ އެމަނިކުފާނު މަންމާފުޅު، ރާނީ އެލިޒަބަތު ސެޕްޓެމްބަރު 9، 2022 ގައި އަވަހާރަވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން