ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މަރުހޫމް އިސްމާޢީލް ވިޝާމަކީ، ބާ ކައުންސިލް ހަރުދަނާ ކުރުމުގައި ގާނޫނީ ފަންނުވެރިންގެ ލޯބި ހޯއްދެވި ބޭފުޅެއްކަމަށް ނާއިބުރައިސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޙުސައިން މުޙައްމަދު ލަތީފް މިހެން ވިދާޅުވީ، ވިޝާމްގެ ހަނދާނުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި މިއަދު ސޮއި ކުރެއްވުމަށްފަހު ލިޔުއްވި ކުރު ބަޔާނެއްގައެވެ.

އެ ބަޔާނުގައި އެމަނިކުފާނު ވަނީ، އިސްމާޢީލް ވިޝާމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ.

އަދި ވިޝާމް ވަނީ ބާ ކައުންސިލު ހަރުދަނާ ކުރުމުގައި ޤާނޫނީ ފަންނުވެރިންގެ ލޯތްބާއި އިޙުތިރާމް ހޯއްދަވާފައިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވާފައިވެއެވެ.

މި ބަޔާން ނިންމަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަލްމަރުޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށާއި، ބާ ކައުންސިލްގެ މެންބަރުންނަށާއި، ޤާނޫނީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ، ތައުޒިޔާގެ ދަފްތަރުގައި ފަސޭހައިން ސޮއިކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް މިއަދުން ފެށިގެން 3 ދުވަސް ވަންދެން މި ފޮތް ބޭއްވިފައި އޮންނާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގްރައުންޑް ފްލޯރގައި ކަމަށެވެ. އަދި ރަސްމީ ގަޑީގައި އެ ފޮތުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން