ރާއްޖެއިން އަމިއްލަ ފައިމައްޗަށް ތެދުވާކަމުގެ ގެރެންޓީ އާއި ކޮންފިޑެންސް އިންވެސްޓަރުންނަށް ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތަތަށް އާމްދަނީ މިހާރު ލިބޭ ސިނާއަތްތައް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ

"މައިގަނޑު ޞިނާޢަތްތަކަކީ، ޓޫރިޒަމާއި މަސްވެރިކަން. ދެން އޮތީ ދަނޑުވެރިކަން. ޓޫރިޒަމް ޞިނާޢަތް ފުޅާކުރުމަށްޓަކައި ޓޫރިޒަމްގެ ރިޒޯޓުތައް، ޓޫރިޒަމްގެ އެކިކަހަލަ މަޝްރޫޢުތައް، އެކި އަތޮޅުތަކަށް، އެކި ކަންކޮޅުތަކަށް ފުޅާކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އިންވެސްޓަރ ކޮންފިޑެންސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެނައުން އެއީ، މި ދެންނެވި ފުޅާކުރުމަށްޓަކައި އޮތް ކީ. އެ ކީ އަކީ، މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން އެބަ އަރައިގަންނަކަން، އެއަށް ބުންވަރު އެބަ ލިބޭކަން، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް އެބަ ތެދުވާކަން، އެ ގެރެންޓީ، އެ ކޮންފިޑެންސް އިންވެސްޓަރުންނަށް އެބަ ލިބެންޖެހޭ. އެހެންވެގެން ކުރެވޭ މަސައްކަތް މި ކުރަނީ،" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރަށްރަށުގައި ފަށާފައިހުރި މަޝްރޫޢުތަކުގެ ތެރެއިން މިވަގުތަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ތަރުތީބު ކޮށްދިނުމުން، އެކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ސަރުކާރުން ގެންގުޅުއްވާ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ތަފުސީލުކޮށް ބައްލަވައިލެއްވިއެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިކުރުވައި، އިޤްތިޞާދު ކުރިއެރުވުމަށް މި ސަރުކާރުން ފުރުޞަތު ފަހިކޮށްދޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށްޓަކައި، ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޙްތިޞާޞްގެ ތެރޭގައި ރަށެއް ނެތްނަމަ، ދުރުގައި އޮތް އެހެން އަތޮޅެއް ނުވަތަ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުމާއެކު ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ގެދޮރުގެ މައްސަލައަށް ހައްލު ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ފަށައިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ، ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ލުއި ލޯނު ނެގޭނެ މަގު ތަނަވަސް ކޮށްދެއްވާނެކަމަށް ހާމަކުރައްވާފައެެވެ. ހަމައެއާއެކު، އިޤްތިޞާދީ ހާލަތާއި ސަރުކާރުގެ ކުންފުނިތަކުގެ މާލީހާލަތު ރަނގަޅުކުރަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެެ.

މި ރަސްމިއްޔާތުގައި މަޑިފުށީ ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށަށް އެންމެ ބޭނުންވާ ކަންކަން ރައީސާ ޙިއްޞާކުރައްވާފައެވެ. އެގޮތުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، އުހުރިޔާ އަދި ކޮޅުފުށި މަޑިފުށީގެ އިޙްތިޞާޞަށް އިތުރުކުރަން ބޭނުންވާކަމަށާއި، ރަށުގެ އުދައަރާ ސަރަހައްދު ރައްކާތެރިކުރުމާއި، ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫޢު ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ޖުމްލަކޮށް ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް އަވަސް ސްޕީޑެއްގައި ނިންމުމަށް މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ދިޔަމިގިލި އަދި މަޑިފުށި ކޯޒްވޭއަކުން ގުޅައިލުމަށް ބޭނުންވާކަމުގައި ރަށު ރައްޔިތުންގެ ފަރާތުން މި ބައްދަލުވުމުގައި އެދުނެވެ.

މަޑިފުއްޓަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން