ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖެއިން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ ރަށްތަކަށް ރައީސް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑުއަށް މިއަދު ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފްވަނީ، ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަރައްގީގެ ތަސައްވުރުތަކަށް އަލިއަޅުއްވާލައްވާފައެވެ.

ހާއްސަ ގޮތެއްގައި ރާއްޖެއަށް ޒަމާނީ ތަރައްގީ ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރެއްވިއެވެ. އަދި މި ސަރުކާރު ހަވާލުވެ ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތުން ރައްޔިތުން އުއްމީދު ކުރާ އަދި ރައްޔިތުން ދެކެން ބޭނުންވާ ވަރުގެ ތަރައްގީގެ ހަރުދަނާ ތަސައްވުރެއް ފެންނަން ފަށައިފި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސްގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްކޮށް، މާ ލަސްތަކެއްނުވެ ދުބާއީގެ ސިފައިގައި ރާއްޖެ ފެންނަން ފަށާނެ ކަމަށެވެ.

"މާލޭގެ ކައިރީގެ އެކި ހިސާބުތަކުންނާއި، ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން އަޅުގަނޑުމެންގެ ރާއްޖެ އުމްރާނީ ގޮތުން ކުރިއަށްދާ މިންވަރު ފެންނައިރު، އަޅުގަނޑު ދަންނަވާނީ ރާއްޖެ ދުބާއީގެ ސިފައިގައި ފެންނަން ފަށާނެ ދުވަސް އޮތީ ވަރަށް ގާތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެފަދަ ޒަމާނީ ތަރައްގީގެ އެއް މަޝްރޫއަކަށް ވާނީ ރަސްމާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމުގެ މަޝްރޫއު ކަމަށާއި، ނަމަވެސް، އެއީ ވާނެކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދާކަމަށެެވެ. އެހެންނަމަވެސް، ރައީސް އެކަން އެގޮތަށް އިއުލާނު ކުރެއްވީ އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ތަޖުރިބާއާއި އެކުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން