ސިޔާސީ ގޮތުން ފެއިލްވެފައިވާ މީހުންނަށް ރައްދު ދިނުމަކީ ބޭނުމެއް އޮތްކަމެއް ނޫންކަމަށް ވިދާޅުވެ ރައީސްގެ ޚާއްޞަ މުޝީރު ޢަބްދުއްރަހީމް އަބްދުﷲ އިދިކޮޅަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ވޭމަންޑުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް މިރޭ ވިދާޅުވީ ރައީސް އިއްވެވި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނަށް އިދިކޮޅުން އެއްވެސް އަސާސެއްނެތް ފާޑުތައް ކިޔަމުންދާކަމަށެވެ.

ނަމަވެސް، ސިޔާސީ ގޮތުން ރައްޔިތުން ބަލައިނުގަންނަ އަދި ސިޔާސީގޮތުން އެއްވެސް އުރައްޕެއްނެތް އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނަކީ މިއަދު ގައުމު އޮތް ހާލަތު ވަރަށް ބޮޑަށް ތަފްސީލުކޮށް ބަޔާން ކޮށްދީފައިވާ ބަޔާނެއްކަމަށެވެ. އަދި ތަފްސީލްކޮށް އެއްވެސް އޮޅުވައިލުމެއްނެތި އެ ވާހަކަތައް ރައީސް ވިދާޅުވީތީ ރައްޔިތުންނަށް ލިބުނީ ވަރަށް ބޮޑު އުންމީދެއްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ، ކުރީގެ ސަރުކާރު ނިމިގެންދިޔައިރު ދިވެހި މާލިއްޔަތު ވަނީ ދޮވެލައިފައި ކަމަށާއި ދިވެހިރާއްޖޭގައި ހުރި ކުންފުނިތައްވަނީ ބަނގުރޫޓުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން އޮތީ އަތު ނުޖެހޭ ހިސާބުގައި ކަމަށާއި ދިވެހީންގެ ސިޔާދަތާއި އިސްތިގުލާލު އޮތީ ގާދޫކޮޅުން ބޭރުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން، މިއަދުގެ އިދިކޮޅު ފަރާތްތަކުން ރިޔާސީ ބަޔާނަށް ފާޑުކިޔާއިރު، އެ ފަރާތްތަކުން މީގެކުރިން ރިޔާސީ ބަޔާނެއް އަޑުއެއްސެވިކަމާމެދު ސުވާލު އުފެދޭކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ރައީސްގެ ރިޔާސީ ބަޔާނާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ، ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަ ގޮތެއްގައި އެ ފަރާތްތަކުން ބުނެފައިވަނީ ރައީސް ވިދާޅުވި ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން