ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން އަމިއްލައަށް ބަލަހައްޓަން ފަށާތީ އެކަމާ ދެކޮޅު ހެދުމަކީ ލަދުވެތިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ އީއީޒެޑް ސަރަހައްދަށް ހުއްދަ ނުހޯދައި ވަނުމަށްފަހުު ހަތިޔާރާއެކީ ރާއްޖޭގެ މަސްދޯނިތަކަށް އަރާ، ބިރު ދައްކަމުންދާ މައްސަލަ ހޫނުވެފައިވާއިރު، ރައީސް މުއިއްޒު ވަނީ ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އިދިކޮޅުން ވަނީ އެ ވާހަކަތަކަށް ފާޑުކިޔައިފަ އެވެ.

އެގޮތުން ހަމައެކަނި ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގެ ބޯޑަރު ނުބެލެހެއްޓޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އަދި ސުލްހައަށް ރުޖޫއަ ވެގެން ނޫނީ ބޯޑަރުތައް ނުބެލެހެއްޓޭނެ ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ރޭ ތ. ވޭމަންޑޫގައި ވާހަކަދުޅު ދައްކަވަމުން އެ ވާހަކަތަކަށް ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ރައީސް ވަނީ ގައުމު ދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަތަކެއް ދައްކަފާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ ވާހަކަތައް ރައީސް ސިފަ ކުރެއްވި މިއީ ލަދުވެތި ވާހަކަތަކެއްގެ ގޮތުގައެވެ.

ހަމަ އެހެންމެ ގައުމުގެ އިސްތިގުލާލާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރު ބަލަހައްޓަން ޖެހޭނީ އިތުރު ބަޔަކު ލައްވާ ނޫން ކަމަށާއި ރާއްޖޭގެ ކެޕޭސިޓީ އިތުރުކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން