ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވިހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ބަހުސް ފަށައިފި އެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރު އީވާ ހުށަހެޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ.

އީވާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން 4000 ފްލެޓް އެކި ފަރާތްތަކަށް ލިބޭ ގޮތަށް ލިސްޓު ނެރުނު ނަމަވެސް އެ ފްލެޓްތައް އެކި ސަބަބުތަކާ ހުރެ ދޫކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށެވެ.

އެހެންވެ އެ ފްލެޓްތައް ލިބުނު މީހުންނަށް ނުހަނު ގެއްލުންތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ފްލެޓްތައް ލިބުނު މީހުންނާ ގުޅޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތަހުގީގުކޮށްފަ އެވެެ. އަދި އެއްވެސް މައްސަލައެއް ފާހަގަ ނުވާ ފްލެޓްތަކުގެ ހައްގުވެރިންނަށް ލަސްނުކޮށް ފްލެޓްތައް ދޫކުރުމަށް އީވާ ގޮވާލެއްވި އެވެ.

"ދަތި ހާލުގައި އާއިލާ ބިނާކުރުމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް މިއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކި ވީ އެންމެ އަވަހަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލަން." އީވާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން