ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި 4000 ފްލެޓް ދިނުމަށް އެކުލަވާލި ދާއިމީ ލިސްޓުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓްތައް ދޫކުރެވޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރި ތަހުގީގުގެ ތަފްސީލް ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން އެކްސްގައި ޝާއިއުކުރި ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ތަހުގީގުގެ ތަފްސީލްތައް ހޯދަން އެ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އެކަމުގެ ތަފްސީލުތައް ލިބުނުހާ އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެންނަމަވެސް އެކަން ކުރެވޭނީ އެ ތަފްސީލްތައް އަޅުގަނޑުމެންނަށް ލިބުމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބިނާކުރި ފުރަތަމަ 4000 ފްލެޓާއި ގުޅޭ ގޮތުން އޭސީސީން ކުރިއަށްވެންދާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި ކޮމިޝަންގެ ހޯދުންތައް މި މަހުގެ އެއްވަނަ ދުވަހު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އޭސީސީގެ ނިންމުމުގެ ފުރިހަމަ ތަފްސީލު އަދި މިިނިސްޓްރީއާ ހިއްސާ ކޮށްފައިނުވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

"އެ މައުލޫމާތު ލިބުމުން މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދައި، ފްލެޓުތައް ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރު ބަދަލުވާން ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް އެކުލަވާލި މި ލިސްޓުގައި ޕޮއިންޓް ދީފައިވަނީ ނާއިންސާފުން ކަމަށް ބުނެ، ވަރަށް ގިނަ ފަރާތްތަކުން ވަނީ ލިސްޓަށް ޝަކުވާ ހުށަހަޅާފައެވެ. އޭސީސީން ވަނީ އެމައްސަލަ ތަހުގީގު ކުރެވެންދެން ފްލެޓް ދިނުން ހުއްޓާލުމަށް ހައުސިންގ މިނިސްޓްރީއަށް އަންގާފައެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ 4000 ފްލެޓް ދިނުމަށް އެމްޑީޕީ ސަރުކާރުން އެކުލަވާލި ދާއިމީ ލިސްޓްގައި ހިމަނާފައިވާ ފަރާތްތަކުގެ ފޯމްތަކުގެ ތެރެއިން 60 އިންސައްތަ ފޯމްގައި މައްސަލަ އުޅޭ ކަމަށެވެެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ 20.7 އިންސައްތަ ފޯމުގައި ކަން އޭސީސީން ހާމަކުރިއެވެ. އެހެންކަމުން ފްލެޓްތައް ނާއިންސާފުން ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދަންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން