ކުރިއަށް އޮތް އެއް މަސް ތެރޭގައު ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ކިނބިދޫއަށް މިއަދު ވަޑައިގެން އެމަނިކުފާނު ވިދާޅުވީ އެ އަތޮޅުގެ ހުރިހާ ކައުންސިލްއަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެވިއްޖެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބޭނުންވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ކަމަށާއި އަދި މާލޭގެ މޭޔަރަަކަށް ހުންނެވި އިރުވެސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ ގާތަަށް ވަޑައިގެން ކަމަށެވެ.

އެހެންވެ މިހާރުވެސް މަސައްކަތް ކުރައްވަން ބޭނުންވަނީ ހަމަ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހުންނަ ތަނަށް އޮފީހަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމާ މި އަތޮޅު މި ނިމެނީ. ދެން އިރާދަ ކުރެއްވިއްޔާ ދެން މިއަންނަ ހަފްތާގައި ރާއްޖެއިން ބޭރު ދަތުރެއް އެބައޮތް. އެ ދަތުރު ނިންމާފަ އަންނަ ގޮތަށް މަސް ދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް އެއް މަސްތެރޭގައި އަޅުގަނޑު ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ދާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށަކަށް ވެސް ވަޑައިނުގަންނަވާނެ ކަމަށާއި އަދި ކައިރި ބައެއް ރަށްރަށުގެ ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަަކަށް ވަޑައިގަތުމުން ބައްދަލުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން