ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ވޯޓު ފޮށި ބަހައްޓަން ބޭނުންވާ އަދަދަށް ރަޖިސްޓްރީ ކުރީ އެންމެ ދެެ ގައުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސުން ކަނޑައަޅާފައި އޮތީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރީކޮށްފިނަމަ އެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާށެވެ.

ނަމަވެސް ރީ ރަޖިސްޓްރީގެ މުއްދަތު ހަމަވި އިރުވެސް އެ އަދަދަށް ރަޖިސްޓްރީ ކުރީ ސްރީލަންކާ އަދި މެލޭޝިއާއިން އެވެ.

އެހެން ނަމަވެސް އެ އަދަދާ ކައިރި ކުރާ ވަރަށް އިންޑިއާ އާއި އެހެން ގައުމަކުން މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ރަސްއަށް މިއަދު ވިދާޅުވި އެވެ.

އެހެންވެ އެ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމާމެދު ގޮތެއް ނިންމާނެކަމަށް ހަބީބު ވިދާޅުވި އެވެ.

މި ފަހަރުގެ އިންތިހާބަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަތް ދުވަހަށް ހުޅުވާލުމުން އެެ މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓްރީ ކުރަން 13،378 މީހުން ހުށަހެޅި އެވެ.

ނަމަވެސް 1459 މީހުން އެކި ސަބަބުތަކާ ހުރެ ރީ ރަޖިސްޓްރީ ނުކޮށްދެއެވެ. މިމުއްދަތުގައި ރީ ރަޖިސްޓްރީ ކޮށްދިނީ 11919 މީހުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން