ރައީސުލްޖުމުހޫރިއްޔާ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާމެދު، މަޖިލީހުގެ ގަވާއިދަށް ގެނައި އިޞްލާޙު ބާޠިލުކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން އެކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެންނެެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ 80 ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ.

ގާނޫނު އަސާސީ މިހާރު ބުނެފައިވަނީ ރައީސާއި ނައިބު ރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ބުނާގޮތުން ރައީސް ވަކި ކުރާއިރު މަޖިލީހުގެ ހުސްވެފައި ހުރި ގޮނޑިތައް ނުގުނާނެއެވެ. މިގޮތަށް ނިންމުމާއެކު އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ މެމްބަރުންގެ ވޯޓުން ރައީސް ފަސޭހައިން ވަކި ކުރެވެއެވެ. އެއީ އެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓް ކަމަށް ވާތީއެވެ.

އެމައްސަލައާއި ގުޅިގެން ބަންޑާރަ ނައިބްގެ އޮފީހުން ހުށައެޅި މައްސަލައާއި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެމަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަންޖެހޭ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

އެގޮތުން މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ.

އެހެން ނަމަވެސް މިމައްސަލައިގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށް ރައުޔު ނެރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން