ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި އިސްކުރާނީ ތެދުވެރިކަމާއި އިހުލާސްތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅު ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުކަމުގައިވާ އެ އަތޮޅު ގާދިއްފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގިނަ އަދަދެއްގެ މަޝްރޫޢުތައް ކުއްލިޔަކަށް ހަވާލުކުރިކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތަކަށް އޭރު ބަޖެޓުގައި ޖާގައެއް ނެތްކަމަށާއި އެމަޝްރޫއުތައް ހަވާލުކޮށްފައިވަނީ އިންތިހާބަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިހާބަށް އަމާޒުކޮށް އެގޮތަށް މަޝްރޫއުތައް ހަވާލުކުރުމުން މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"އަނެއްކާ ކުންފުނި ތައްޔާރެއްނުވޭ އެކަން ކުރާކަށެއް. އެކަހަލަ އެތައް ކަމެއް މިހިރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރުގެ ޖުލައި ހިސާބުން ފެށިގެން ވަރަށް ބާރު ސްޕީޑުގައި ހުރީ، އެކި ދިމަދިމައިގައި އެއްވެސް ޕްލޭނެއް ނެތި، އިންތިޚާބާ އަމާޒުކޮށްގެން މަޝްރޫޢުތައް ހަވާލުކޮށްލާފައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އިންތިހާބަށް އަމާޒުކޮށް އެގޮތަށް ހަވާލުކުރުމުން މަސައްކަތްތައް ކުރިއަށް ނުދާކަމަށާއި ބިލުތަކަށް ދައްކަންޖެހޭ ފައިސާއެއްވެސް ނުހުންނަކަމަށެވެ. އެ މަސައްކަތްތަކަކީ ކުރަން ޖެހޭ މުހިންމު ކަންކަން ނަމަވެސް އެއްވެސް އިހުލާސްތެރިކަމެއް ތެދުވެރިކަމެއް ނެތުމުން އޭގެ ހުރިހާ ގެއްލުންތަކެއް ލިބިފައިވަނީ ރައްޔިތުންނަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އިޚްލާޞްތެރިކަމެއް ނެތި، އެއްވެސް ތެދުވެރި ކަމެއް ނެތި ކަންކަން ކުރީމާ ރައްޔިތުންނަށް ހުރިހާ ގެއްލުމެއް މިވަނީ.، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އެހެނެއް އަޅުގަނޑުމެންގެ ސަރުކާރަކު ނުހިނގާނެ ކަންކަމެއް. އޭގެ އަނެއްކޮޅަށް، ތެދުވެރިކަން އިސްކުރާނީ، އިޚްލާޞްތެރިކަން އަޅުގަނޑުމެންގެ ކިބައިން ފެންނާނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ގާދިއްފުށީގެ ތަރައްގީއަށް ކުރަން ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެރަށުގެ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުވެސް ގުރައިދޫ އެއަރޕޯޓްގެ މަސައްކަތާއެކު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

އަދި ބަނދަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން އެމަސައްކަތް ކުރެވޭނެ ގޮތެއް ނެތި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެެވެ. އެމް.ޓީ.ސީ.ސީއާ މިހާރު ހަވާލުކޮށްފައިވާ މި މަސައްކަތްވެސް ކުރިޔަށްގެންދެވޭނެ ގޮތެއް ބައްލަވައިގެން ސަރުކާރުން އެ މަޝްރޫޢުވެސް ކުރިޔަށްގެންގޮސް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން