ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރުން އޮަޓަމޭޓްކޮށް މަދު ވަގުތު ކޮޅެއްގެ ތެރޭގައި މުދާ ކްލިއާ ކުރެވޭ ގޮތަށް ކަސްޓަމަސްއިން ހަދައިފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކަސްޓަމްސްއިން ހާސިލުކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިއްޔެ ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ ކުރިން ކްލިއާ ކުރުމުގެ ކަންކަން ކަސްޓަމްސްއިން ކުރަމުންދިޔައީ ޒަމާންވީ މެނުއަލް ޕްރޮސެސްތަކެއް ބޭނުންކޮށްގެން ނެވެ.

ނަމަވެސް އެއަރކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމު ކުރުމާއެކު، ޚިދުމަތްތައް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ކުރިން ދެ ދުވަހުން ކްލިއާ ކުރެވޭ މުދާ މިހާރު ދެ ގަޑިއިރުން ކްލިއާ ކޮށްލެވޭނެ އެވެ.

ހަމަ މިއާއެކު ޕްރޮސެސްތައް ޓްރާންސްޕޭރަންޓްވެ، ހަމަހަމަގޮތެއްގައި ރެންޑަމްކޮށް އޮފިސަރުންގެ މެދުގައި ޑިކްލަރޭޝަން ފޯމުތައް ކަނޑައެޅި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް ހަމައަކުން ޚިދުމަތް ލިބޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ، އަވަސް ހިދުމަތެއް ލިބޭނެ އިންތިޒާމް ކޮންމެ މުއައްސަސާއެއްގައި ވެސް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އެއާ ކާގޯ ކްލިއަރެންސް އޮަޓަމޭޓް ވުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން