ބުޅާ ފެސިލިޓީ ގާއިމުކުރަން މާލޭ ސިޓީ ކައުންސިލާއި ބިން ހަވާލުކޮށްފި އެވެ.

އެ ބިން މާލޭ ސިޓީ ކައުންސިލާ ފިޝަރީޒް މިނިސްޓްރީން ހަވާލުކުރީ އިއްޔެ ހަވީރު އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ބުޅާ ފެސިލިޓީ ގާއިމުކުރާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށެވެ.

ބުޅާ ފެސިލިޓީ ހަދަން 500 އަކަފޫޓުގެ ބިމެއް ދިންއިރު އެ ތަން ވީހާވަސް އަވަހަށް ހަދަން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ތަނުގައި ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި، ބުޅާ ކެފޭއަކާއި އަދި ބުޅަލަށް ކާންދޭ ތަކެތި ވިއްކާ ފިހާރައެއްވެސް ހުންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ބުޅާ ފެސިލިޓީ ހެދުމުން މާލޭގައި ދިރިއުޅޭ ބުޅާތައް އެ ތަނަށް ބަދަލުކުރާނެ އެވެ. ބެލެވިފައިވާ ގޮޮތުގައި މާލޭގައި ދިރިއުޅޭ ބުޅަލުގެ އަދަދު 3000 އަށް ވުރެ ގިނަ ވާނެ އެވެ.

މާލޭގައި ބުޅާ ފެސިލިޓީ ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އެވެ. އަދި އޭރު އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ކަނޑައެޅި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން