ރައީސުލްޖުުމްހޫރިއްޔާ ކޯވިޑް-19 ޓާއްސްކްފޯސްއާއި ބައްދަލު ކުރައްވަނީ
ރައީސުލްޖުުމްހޫރިއްޔާ ކޯވިޑް-19 ޓާއްސްކްފޯސްއާއި ބައްދަލު ކުރައްވަނީ
ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ ބޭރަށް ނުކުންނަ އިރު މާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ނިއްމައި އެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމީ، ކޯވިޑް-19 ޖެހޭ މީހުން އަނެއްކާ ވެސް ގިނަވަމުން ދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޭޝަނަލް ޓާސްކް ފޯސްއާ އެއްކޮށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކަމަށެވެ. އަދި މީހުންނާ ބައްދަލު ކުރުން މަދު ކުރުމަށާއި ގޭގައި ތިބެ މަސައްކަތް ކުރެވޭ ނަމަ ގޭގައި މަސައްކަތް ކުރުމަށް އަދި ގިނަގިނައިން އަތް ދޮވުމަށް ސަރުކާރުން ބާރު އަޅާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އަލުން ފުރަބަންދަކަށް ދިޔުމަކީ އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ބައްދަލުވުމުގައި އެއްބަސް ވެވުނު ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރު ކުރީ ހަމައެކަނި މާލެ ސަރަަހައްދުގައި ކަމެއް ނުވަތަ މުޅި ރާއްޖޭގައި ކަމެއް ނޭގެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 3567 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން މިހާރު ފަރުވާގައި ތިބީ 983 މީހެކެވެ. ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ކޮވިޑް ޖެހިގެން 16 މީހަކު މިހާރު ވަނީ މަރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން