ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމްތަކުގެ ތެރެއިން މައްސަލަ ނެތް ފޯމްތަކުގެ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިންގ މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4000 ފްލެޓާ ގުޅިގެން ހުށަހެޅި މައްސަލަތައް އޭސީސީން ތަހުގު ކުރުމަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައުސިންގ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބިނާކުރި ފްލެޓްތައް ބަހާފައިވަނީ ނާއިންސާފުން ކަމަށް ބުނެ 7000 ވަރަކަށް މީހުން ވަނީ ހައުސިންގ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައެވެ. އެ މައްސަލައާއި ގުޅިގެން އޭސީސީން ކުރި ތަހުގީގުން ދައްކާގޮތުގައި ކުރީ ސަރުކާރުގެ ވެރިކަމުގައި ފްލެޓްތަކުގެ ހައްގުވެރިންގެ ގޮތުގައި ކަނޑައަޅާ، ޢާންމުކުރި ލިސްޓުގައި ހިމެނޭ 60 އިންސައްތަ މީހުންނަކީ ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން