އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޓްރެޓީޖިކް މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެެ.

ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އިއްޔެ ވަނީ އަންހެން ބޭފުޅަކު އިންތިހާބުވެފައެވެ. ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިއްޔެ އިންތިހާބުކުރީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ.

އޭނާ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގަައި ވާދަކުރައްވައިގެންނެވެ. އެކަމާ ގުޅިގެން ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އިއްޔެ އިންތިހާބުވި ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒަށް މަރުހަބާ ވިދާޅުވެ އޭނާ އަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރިކޮށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓީޖިކް މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިއްޔެ އިންތިހާބުވި ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައިވާ ބޭފުޅެކެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން ހައްވަ ވަނީ މަސައްކަތް ކުރައްވާފައެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބުކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި ހައްވައާ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވީ ފ. ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ. އިއްޔެގެ ބައި އިލެކްޝަންގައި ހައްވަ ގޮނޑި ކާމިޔާބުކުރެއްވީ 941 ވޯޓް ހޯއްދަވައިގެންނެެވެ. އިބްރާހިމް ހަލީލަށް ލިބިވަޑައިގަތީ 888 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން