ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހީންގެ ސަލާމަތް ހޯދަން ޖެހޭނީ ދިވެހީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިއަދު ދެއްވި ޚިތާބުގައެވެ. ރައީސް ވިދާޅުވީ، އަލިރަސްގެފާނުގެ ޖިހާދުގެ ޙާދިސާއިން ލިބިދޭ އެއް ފިލާވަޅަކީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދަންޖެހޭކަން ކަމަށެވެ.

އެގޮތުން ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިވީ ދިވެހި ދަރިންތަކެއް އަމިއްލަ އެދުން އިސްކޮށް ޤައުމަށް ޚިޔާނާތްތެރިވުމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން މިހާދިސާއިން ފުރިހަމައަށް ފެންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ޤައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ފަހަރަކު، ދިވެހިންގެ ތެރެއިން ބަޠަލުންތަކެއް ނުކުމެ ކުރި ޖިހާދުގެ ހަނދާން އަބަދުމެ އާކުރަންޖެހޭކަމަށާއި، އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، ޤައުމާމެދު އޮތް ލޯތްބާއި ހިތްވަރުފުޅު ގަދަކަމާއި ދަޢުލަތަށް ހުރި ވަފާތެރިކަމުން ޢިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުޚާޠަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ޤައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަޤީޤަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަކަމާ އާބާދީގެ މަދުކަމާ ގުޅިފައި އޮންނަ ކަމެއް ނޫންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، މިއަދުގެ ސަރުކާރުން ދިވެހިންގެ މިނިވަންކަމަށް އެހެން ބޭރުގެ ބާރަކުން ކުޅުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން