ނެތް ބަޔަކު ލަައިގެން މަޖިލީހުގެ އަދަދު ގުނުމަކީ ބޯހަމަ ޖެހޭ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާ ގޮތް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްގެން ވަނީ ބަދަލުކޮށްފަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން ހޮވި ނަމަވެސް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، މަޖިލީހުން ކަމެއް ފާސްކުރުމުގައި ޖުމްލަ މެންބަރުންގެ ޢަދަދު ކަމަށް ބަލާނީ 80 ކަމަށް ކަނޑައެޅުމަށް އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއިސްލާހު ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ.

އެހެން ނަމަވެސް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަމަރު ނެރެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް އިހުތިރާމް ކުރައްވާނެ ކަމަށާއި ނަމަވެސް އެ ނިންމުމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސަށް ހުޅުވާލި އެވެ.

އެ ބަހުސްގައި ރޮޒައިނާ ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ވަގުތު މި މަޖިލީހުގެ އަދަދު ކަމަށް މަޖިލީހުގައި ނެތް ބަޔަކު ލައިގެން ގުނުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން، މިތަނުގައި ގޮނޑިތަކަކަށް އިންތިހާބު ބަޔަކު ނުކުރެވޭ ހާލަތެއްގައި ގޮނޑިތަކެއް ހުސްވެފައި މިވަނީ. އެހެންވީމާ ކިހިނެއްތޯ މި ވަގުތު އެ މީހުން ލައިގެން އަޅުގަނޑުމެން މިތާނގައި މަޖިލިސް ކުރިއަށް ގެންދަވާ ކަމަށް ވަންޏާ ވޯޓު ގަޑީގައިވެސް އެ ގޮނޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެން ޖެހޭނެ. އަދަދު ހަމަކުރަންވެސް ކޮންމެވެސް ބަޔަކު އެ ގޮނޑިތަކުގައި ތިބެން ޖެހޭނެ. އަދި ބަހުސް ކުރަންވެސް އެ ގޮނޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެން ޖެޙޭނެ." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ މިހާރު މި އޮތް ގޮތުން މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ މަރުވެފައިވާ މީހުންވެސް ހިމަނައިގެން ކަމަށެވެ. އަދި މި ފަހަރު ރޯދައަށް ކަދުރު ބަހާއިރު ވެސް ގޭގެއަށް ކަދުރު ފޮނުވަން ޖެހޭނީ މަރުވެފައި ތިބި މީހުން ލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން