ސައިންސްގެ ދާއިރާއިން އަންހެން ކުދިން ކުރިއަރުވަން އީޖާދީ ގޮތްތައް ހޯދަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނުވަ ވަނަ އިންޓަނޭޝަނަލް ޑޭ އޮފް ވިމެންސް އެންޑް ގާރލްސް އިން ސައިންސް އެސެންބްލީއާ ގުޅިގެން ސާޖިދާ ވިދާޅުވީ އަންހެނުން ސައިންސްގެ އެކި ދާއިރާތަކުން ފައިތިލަ ސާބިތުކުރަމުންދާތަން މިހާރު ފެންނަމުންދާ ކަމަށެވެ.

ހަމަ އެހެންމެ ފަސްޓް ލޭޑީއަށް ވެވަޑައިގަތުމުގެ ކުރިން އެކަމަނާ އަކީވެސް "ސީނިއާ ސައިންޓިފިކް އޮފިސަރެއް" ކަން ސާޖިދާ ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް މިންތީގެ ހަމަހަމަކަން އެކި ދާއިރާތަކުން ގާއިމުކުރަން އިސްކަންދީފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ." ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ މިހާރުވެސް އޭގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އަދި ސްޓެމްގެ ދާއިރާގައި އަންހެނުން 60 ޕަސެންޓް މިހާރު ހިއްސާކުރާ ކަމަށެވެ.

ހަމަ އެހެންމެ އަންހެނުން ބާރުވެރިކުރުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު އަދިވެސް އެ މަސައްކަތް ކުރިއަރުވައި އެ މަސައްކަތާއިގެން ކުރިއަށް ދާން ޖެހޭ ކަމަށާއި އަދި އަންހެނުންނާމެދު ތަފާތު ކުރުމަށް ދެކޭ ދެކުންތަކާ ދެކޮޅަށް ނުކުންނަން ވެސް ޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

"ގޮން ޖެހުންތަކުގެ ވާހަކަ ދައްކާއިރު ސައިންސްގެ ދާއިރާއިން އަންހެން ކުދިން ކުރިއަރުވަން އީޖާދީ ގޮތްތައް ހޯދަން ޖެހޭ." ސާޖިދާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން