މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ރޮޒައިނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފައި ކަމަށެވެ.

ހަމަ އެހެންމެ މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ބުރަ އަދި މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ރޮޒައިނާ ފާހަގަ ކުރައްވައިފައި ވެއެވެ.

އެހެންވެ މަސްވެރިން ކުރާ މަސައްކަތުގެ އަގު ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށާއި ގައުމުގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ގާނޫނުން މަސްވެރިންގެ ލިބެން ޖެހޭ ހައްގުތައް ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރޮޒައިނާގެ ހުށައެޅުމުގައި ވެއެވެ.

ރޮޒައިނާ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނީ މަސްކިރުމަށް ފަހު ފައިސާ ނުލިބި އެތަކެއް ދުވަހެއް ވެފައިވާތީ މަސްވެރިންނަށް އެތަކެއް ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

ހަމަ އެހެންމެ ކުރިއަށް އޮތީ ރަމަޟާން މަސްކަމަށް ވެފައި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިދާނެ ކަމަށެވެ.

އެހެންކަމުން އަވަސް ފިޔަވަޅުތަކެއް އަޅައި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ދޫކުރުމަށް ރޮޒައިނާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސ.

19-Feb-2024

ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ޤަވާޢިދުން ފައިސާދިންތަ?



ޓްރެންޑިން