މި ހިނގާ 2024 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށް 5.5 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނެގޭ މިންވަރު ކުޑަކުރާކަމަށް ބުނެ ފެތުރި ވާހަކަތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނަކާއި ގުޅުވައި ސައީދު މިއަދު އެކްސްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން، ދައްކަންޖެހިފައި އޮތް ދަރަނިތަކާއި ނުދައްކާހުރި ބިލްތަކަށް ވެސް މިހާރު ދަނީ ފައިސާ ދައްކަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މި އަހަރު ރާއްޖޭގެ އިގުތިސާދަށް 5.5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށާއި، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފަށް ޑޮލަރު ޖަމާކުރަން ވެސް މިހާރު ފަށާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އެ ފަންޑަކީ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ފަންޑެކެވެ.

ނަމަވެސް، އެ ފަންޑުގައި ޖަމާކޮށްފައިހުރި ޑޮލަރުތައް ވެސް މިދިޔަ ސަރުކާރުގައި މާރުކޮށްފައިވާކަމަށް މީގެ ކުރިން ސަރުކާރުންވަނީ ބުނެފައެވެ.

ސައީދު މިހެން ވިދާޅުވިއިރު، ކާޑު ލިމިޓްގެ މައްސަލާގައި މިއަދު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ބީއެމްއެލްގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ދަށްކުރަން ބޭންކުން ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

އަދި ރާއްޖޭގެ މާލީ ހާލަތައް ބަލައި، ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލެއް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއެކު މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރުފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ފިނޭސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކަމުން އަރައިގަނެ، ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮބަދަލެއް މިސަރުކާރުން ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން