އެކަކު އަނެކަކަށް މަޢާފްކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

މި އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއްކަމަށް ވިދާޅުވެފައި ވެއެވެ،

“މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ޙާލަތުގައި، ވަކިން ޚާއްޞަގޮތެއްގައި ސަމާލުކަން ދޭންވީ ކަމެކެވެ. މިއީ މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ ޢީދެކެވެ.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެފައި ވެއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، މިއަހަރުގެ އަޟްޙާ ޢީދު ދުވަސް މި ބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަޙައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއްކަމަށާއި، ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިރިއުޅުމުގެ ޢާންމު އާދަކާދަތަކާ މުޅިން ޚިލާފަށް އުޅެންޖެހިފައި ވިޔަސް، ޢާއިލާގެ މީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް މިފަދަ މުނާޞަބަތެއްގައި ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިން ވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޯވިޑް-19 ގެ ސަބަބުން މިހާރު ތަޖުރިބާކުރަންޖެހިފައި މިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް، އިޚްލާޞްތެރިކަމާ އެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. އަދި، އެމަނިކުފާނުގެ ޚިޠާބުގައި މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް، މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޚާލިދާ

01-Aug-2020

އަނިޔާ ލިބިލިބި ހުންނަ މީހާ މާފެއް ނުކުރަނެ. އަނިޔާ ކުރުން ހުއްޓާލުމަށްފަހު މާފަށް އެދޭށެވެ. އަދި ތިބާ އެފަދަ ކަމެއް ނުކުރަނެ ކަމަށް ވައުދުވާށެވެ. އެއިރުން މާފުލިބި ސުލްޙަ ގާއިމުވާނެއެވެ.


5

އިބުރަހިމް އަބުދުއްރަހިމް

01-Aug-2020

ރައީސް އިބުރާހީމް މުހައްމަދު ސާލިހު ތިޔަހެން ވެއްޖެއްޔާއި އަބުދުﷲ ޔާމީ ނު ވަގުތުން މިނިވަންކުރޭ ތިޔަހާ ހިތްޕުޅު ތިރިކޮށް ހުރިކަން ސާބިތުވަނީ އޭރުން



ޓްރެންޑިން