ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕާއި، މައްސަލަތައް ހައްލުކުރެއްވުމުގެ އިތުރުން ކަންކަން ނިންމެވުމުގައި ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކޮށް އެކަންކަމަށް އައިއެމްއެފުން ތަޢުރީފުކޮށްފިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕަށް ތަޢުރީފުކުރަށްވާފައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގައެވެ. މިއީ ދުބާއީގައި ކުރިޔަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގެ ހަވާސާގައި ކުރެއްވި ޒިޔާރަތެކެވެ.

މިބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ބައިނަލްއަގުވާމީ ގޮންޖެހުންތަކާއިއެކު ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނޭ ލޮޅުން ތަކަށް ތައްޔާރުވެތިބުމަށް މާލީ ގޮތުން ގެންނަންޖެހޭ ސްޓްރަކްޗަރަލް ރިފޯމްތަކާއި ހަރުދަނާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އާ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ، ވިސްނުންތެރިކަމާއެކު މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް މުއިއްޒުގެ އިފްތިތާޙީ ޚިޠާބުގައި ބަޔާންކޮށްފައިވާ ޕަބްލިކް ސެކްޓަރ ރީފޯމް ކުރުމާއި، ސަރުކާރުގެ ކަންކަން ނިންމުމުގައި އެމަނިކުފާނު ގެންގުޅުއްވާ ކުރިއަށް ވިސްނާވަޑައިގެންނެވުމުގެ އުސޫލާއި އަވަސްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ރައީސް މުއިއްޒުގެ އިޤްތިޞާދީ އިސްލާޙީ އެޖެންޑާއަށް އިތުބާރުކުރައްވާކަމަށާއި، މިކަމުގައި ސަރުކާރުން ނިންމާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ފާގަތި މުސްތަގުބަލެއްގެ ބިންގާ އެޅުމުގައި އެހީވެދޭނެކަން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.

ކްރިސްޓަލީނާ ޖޯޖިއެވާގެ ވާހަކަފުޅުގައި ރައީސް މުއިއްޒު ދިވެހިންނާއި ގާތުން ގުޅިގެން މަސައްކަތްކުރައްވާކަން ފާހަގަކުރަށްވައި، ސަރުކާރުގެ އިސްނެގުމާއި ވިސްނުންތެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތް ކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ވަނީ ތައުރީފު ކުރެއްވާފައެވެ. އަދި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ފާހަގަކުރަށްވައި، މޫސުމަށް އަންނަ ބަދަލުތަކާއި، އެކަންކަމުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ރާއްޖެއަށް އެއްބާރުލުން ބޭނުންވާ އެކި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދޭނެކަމަށް ކްރިސްޓަލީނާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު ވަނީ އައިއެމްއެފާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވައި، އައިއެމްއެފަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ނިންމާލީ ކުރިއަށް އޮތްތަނުގައި އައިއެމްއެފާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމުގެ އުންމީދުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން