ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމެޓީގައި ވާޙަކަދައްކަވަމުން ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި 824 ފަރާތެއް ހިމެނޭ ކަމަށެވެ. މި އަދަދަކީ ކުރީގެ ސަރުކާރުގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ގެެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބިނާކުރި ފުރަތަމަ 4000 ފްލެޓް ދޫކުރުމަށް އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރެއިން 20 އިންސައްތައެވެ.

ހައިދަރު ވިދާޅުވީ މި ފްލެޓްތަކާއި ގުޅިގެން އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމުގެ ބޭނުމުގައި ގެދޮރުވެރިޔާ ޕޯޓަލްއަށް ވަނުމުގެ އެކްސެސް މިވަގުތު ހައުސިންގ މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެެ. އެހެން ނަަމަވެސް، އެ ޕޯޓަލަށް ވަނުމުގެ އެކްސެސް ލިބުނުހާ އަވަހަކަށް ފްލެޓްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ވެރިފައިކުރުމަށްފަހު ހައްގުވެރިންނަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި (ގެދޮރުވެރިޔާ ޕޯޓަލްގެ) އެކްސެސް މިނިސްޓްރީއަށް ލިބޭނެ. ޕޯޓަލަށް އެކްސެސް ލިބުނީމަ އަޅުގަނޑުމެންނަށް (ޝަރުތު ހަމަވާ) މީހުންނަކީ ކޮބައިކަން ކަނޑައެޅިގެން އެނގިގެން، އެމީހުންނަށް ގުޅައިގެން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވިސްނާފައި އޮތީ." މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބިނާކުރަން ފެށި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. އަދި 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ. ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ހަވާލު ކުރާނީ އޭސީސީއާއި ބަންޑާރަ ނައިބުގެ ލަފާގެ މަތިންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން