ރާއްޖޭގައި އިގްތިސާދީ ހަބްތައް ގާއިމް ކުރުމަށް މަސައްކަތްތައް ރާވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުބާއީގައި މިއަދު ފެށި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔޫއޭއީން ހަދާފައިވާ ހާއްސަ އިކޮނޮމިކް ޒޯން އޭރިއާ "ދުބާއީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު"ގެ ކާމިޔާބީ އާއި އެ ތަޖުރިބާ މިސާލަކަށް ބައްލަވާނެ ކަމަށެެވެ. އެގޮތުން އެ ތަޖުރިބާގެ އަލީގައި ރާއްޖޭގައި އެފަދަ އިގްތިސާދީ ހަބްތައް ގާއިމް ކުރުމަށް މަސައްކަތްތައް ރާވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ތަރައްގީ ހާސިލު ކުރުމުގައި ޔޫއޭއީ އާއި ރާއްޖެއަށް ފައިދާވާ ފަދަ ޕްރޮޖެކްޓްތަކަށް ހާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީން ކަން ރައީސް ވަނީ މި ފޯރަމްގައި ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއިން ތަރައްގީގެ އާ ހަރުފަތްތަކަކަށް ދިއުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެމަސައްކަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަވަހަށް ތަރައްގީކޮށް އޭގެ ބޭނުން ކުރުމަށް މަސައްކަތް ފައްޓަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންވެސްޓަރުންނަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް ލުއި ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން