ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ހަތަރުވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މާރާމާރިއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަތަރުވަނަ މީހަކީ މއ. ފިއްލަދޫގޭ އިބްރާހިމް ލުބާން އަބްދުﷲ، 20 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ވަނީ ދީފައެވެ.

އެ މައްސަލާގައި މީގެ ކުރިން ހައްޔަރު ކޮށްފައިވަނީ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އަދި ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފެވެ.

މިމީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މާރާމާރީގައި ބައިވެރިވުމާއި، ޖަމާއަތް ހަދައިގެން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރުމެވެ.

މިމާރާމާރީ ހިނގާފައިވަނީ، މެޗު ނިމެމުން ދަނިކޮށް ވިކްޓްރީގެ ބެންޗާ ދިމާލުން ވިކްޓްރީގެ ކުޅުންތެރިއަކާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.

އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ވިކްޓްރީގެ ކޯޗު އަދި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލާފައެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދަނޑުގައި އެވަގުތު ތިބި ފުލުހުން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެ ހަމަނުޖެހުމުގައި އެކި ފަރާތްތަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.

81 ވަނަ މިނެޓްގައި މެޗް ހުއްޓާލިއިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީއެވެ. ކުޅުން ހުއްޓާލި ފަހުން މެޗުގެ ބާކީ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމެޗުން ވިކްޓްރީ މޮޅުވިކަމަށް މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން