ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބައެއް ވޯޓު ފޮއްޓަށް އެންމެ މީހަކު ވޯޓުލާން ޖެހޭ ފަހަރު ވެސް ދިމާވެ އެވެ، އެހެންވެ އެފަދަ ހާލަތުގައި ވޯޓުގެ ސިއްރުކަން ކަށަވަރެއް ނުކުރެވެ އެވެ.

އެހެންވެ އިލެކްޝަންސް ކޮމިޝަނުން މި ފަހަރުގެ އިންތިހާބުގައި ވަނީ އެ މައްސަލަ ހައްލުކުރަން ނިންމައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަޖިލީހުގެ އިންތިހާބަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިހާރު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ ހަވީރު 04:00 ގެ ނިޔަލަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ." އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.

އިލެކްޝަނުން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން