މާލޭގެ މިސްކިތްތައް ސާފުކުރުމާއި މަރާމާތުގެ މަސައްކަތް ކައުންސިލުން މުވައްޒަފުން ނަގައިގެން ކުރަން ފާސްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިވަގުތު އެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްގެން ރަނގަޅު ނަތީޖާއެއް ނުފެންނަ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން އެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ހިނގާ ހަރަދާއި މުވައްޒަފުން ނަގައިގެން އެ މަސައްކަތް ކުރުމުން ވެސް ހިނގަނީ ގާތްގަނޑަކަށް އެއްވަރެއްގެ ހަރަދެއް ކަމަށެވެ. އަދި މުވައްޒަފުން ނަގައިގެން އެކަން ކުރާނަމަ އިތުރު ހަރަދެއް ވެސް ނުދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެންވެ ވީހާވެސް އަވަހަކަށް އެ މަސައްކަތަށް މީހުން ނަގައިގެން ކުރުމަށް މޭޔަރު ހުށަހެޅުއްވި އެވެ. އަދި އެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބަދަލުކުރަން ވެސް މަސައްކަތް ކުރުމަށް މޭޔަރު ހުށަހެޅުއްވި އެވެ.

އެހެންވެ އެކަމަށް ބަޖެޓު ފާސްކުރުމަށް މޭޔަރު ވަނީ ހުށަހަޅުއްވާފަ އެވެ.

މޭޔަރުުގެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މީގެ ކުރިން ވެސް ކައުންސިލުން ބޭނުންވީ އެގޮތަށް އެކަން ކުރަން ކަމަށެވެ. ނަމަވެސް މުވައްޒަފުން ނަގަން ސިވިލް ސާވިސްއިން ދަތިތަކެއް ކުރިމަތިވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮޅާ ސާފުކުރުމާއި މަރާމާތުގެ މަސައްކަތަށް މީހުން ނަގައިގެން އެކަން ކުރަން މާލޭ ސިޓީ ކައުންސިލުން ފާސްކުރީ އެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން